ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ އެތެރޭގެ އިންތިޚާބު ބާއްވާ ތާރީޚު ފަސްކޮށްފިއެވެ.
މިހާތަނަށް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބުކަމަށްވާ ކޮންގުރެސް ޕާޓީގެ އެތެރޭގެ އިންތިޚާބަށް އެޕާޓީން ހުޅުވާލީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މި އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި ޕީއެންސީން އެންމެ ފުރަތަމަ ކަނޑައެޅީ އަންނަ އޮކްޓޫބަރުމަހުގެ 19 ވަނަ ދުވަހެވެ. އެހެންނަމަވެސް އެޕާޓީން ނެރުނު އިޢުލާނެއްގައި ވަނީ ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގެ ތާރީޚަށް ބަދަލުގެނެސްފައިވާކަން ހާމަކޮށްފައެވެ.
މިހާރު މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އިންތިޚާބު ބާއްވާ ތާރީޚަށް މި ގެނެވުނު ބަދަލާއެކު، އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތުވެސް އެޕާޓީން ވަނީ އިތުރުކޮށްފައެވެ. އެގޮތުން މިމަހުގެ 30 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް އިންތިޚާބަށް ކުރިމަތިލުމުގެ މުހުލަތު ހަމަވާގޮތަށް ކުރިން އޮތްނަމަވެސް، މިހާރު މިވަނީ އެ މުހުލަތު އަންނަ އޮކްޓޫބަރުމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް އިތުރުކޮށްފައެވެ.
ޕީއެންސީން ބުނީ އިންތިޚާބު ބާއްވާ ތާރީޚާއި، ކުރިމަތިލުމަށް ދެވުނު މުއްދަތު އިތުރުކޮށްފައިވަނީ މި މަޤާމުތަކަށް ޝައުޤުވެރިވާ ގިނަ ފަރާތްތަކަކުން އެކަމަށް އެދެމުންދާތީކަމަށެވެ.



