ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލައިފި އެވެ. މީގެ ތެރޭގައި ހިމެނެނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާ، 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ 12 ބިމެކެވެ.
ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮށްމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންޖެހެއެވެ.
ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ. ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500ރ. އެވެ. ކޮންމެ ފަރާތަކަށްވެސް ޖުމްލަ 03 ބިން ގަނެވިދާނެއެވެ.
ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ ކޯޕަރޭޝަންގެ އޮންލައިން ބިޑް ޕޯޓަލް: https://bids.hdc.mv މެދުވެރިކޮށެވެ. އެގޮތުން، މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން އެބަހުއްޓެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެއްވޭނެ އެވެ.



