ސްޓެލްކޯއިން ކުރިއަށް ގެންދާ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން 4 މަސްތެރޭގައި 36،825 ގަސް އިންދައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯއިން ވަނީ ފަސްލައްކަ ގަސް އިންދުމަށް ނިންމާފައެވެ.
މި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން މިހާތަނަށް 36،825 ގަސް އިންދާފައިވާއިރު، ބާކީ ދެން އިންދަންޖެހޭނީ 463175 ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މިކަން ހާމަކުރައްވާ ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ “އެކްސް”ގައި ވަނީ ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވި މި ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ކުރާ މަސައްކަތް އަލުން ކަށަވަރުކޮށްދެވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އަދި މި ޕްރޮގްރާމް 2024 ވަނަ އަހަރުގެ ޖޫން މަހު ފެށި ފަހުން ސްޓެލްކޯއިން ވަނީ ކޮންމެ މަހަކު ގާތްގަނޑަކަށް 9،200 ގަސް އިންދާ، އެ ޓާގެޓް ހާސިލްކޮށްފައި ކަމަށާއި، ހަލުވި ދުވެލީގައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ކުންފުނީގެ އުންމީދީ އަމާޒަށް ވާސިލްވެވޭނެ ކަމުގެ އުއްމީދު އެބައޮތްކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ މި ޕްރޮޖެކްޓަކީ ޝައްކެއްވެސް ނެތްގޮތުގައި އަންނަން އޮތް ޖީލުތަކަށް ފައިދާކުރާނެ އަދި ތިމާވެއްޓަށް ދާއިމީ ހެޔޮ އަސަރުތަކެއް ކުރާނެ ޕްރޮޖެކްޓަކަށް ވާނެކަމަށެވެ.



