ސްކޫލުތަކަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ޓީޗަރުން މަދުވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، ތަޢުލީމީ ނިޒާމުގައި ސަރުކާރުގެ ސްކޫލުތަކުގައި ގާތްގަނޑަކަށް 10،000 މުދައްރިސުން މަސައްކަތް ކުރައްވާ ކަމަށެވެ.
އޭގެ ތެރެއިން 2،000 ޓީޗަރުންނަކީ ބިދޭސީންނެވެ. އަދި އެ ދާއިރާގެ ގޮންޖެހުން ތަކަަށް ބަލާއިރު، ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދާއިރާގައި ޕްރައިމަރީ ޓީޗަރުން މަދުވުން ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި އިސްލާމް އަދި ކޭމްބްރިޖްގެ އެކިއެކި މާއްދާތައް ކިޔަވައިދޭ ޓީޗަރުން ވެސް ވަރަށް މަދު ކަމަށެވެ. އެހެންވެ މިހާރު އަންނަނީ ޓީޗަރުން އުފައްދަން ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ.
އަދި ޓީޗަރަކަށްވުމަށް އޭލެވަލް ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ޖުމްލަ 130 ދަރިވަރުން ޝައުގުވެރިންކަން ފާޅުކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން އެތަނުގެ މެންޑޭޓެއް ކަމަށްވާ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓްގެ ކަންތައްތައް ހަރުދަނާކޮށް، ޓީޗަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.



