ރާއްޖޭއިން އިންޑިއާއާއެކު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުފީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއެކު އިތުރު 5 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށް، ލިޔެކިޔުން ބަދަލުކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާތަކަށްފަހުގައެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ އިކޮނޮމިކް އެފެއާޒް ޑިޕާޓްމެންޓުގެ ސެކްރެޓަރީ އަޖޭ ސެތެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެއެވެ. އެއީ އެމެރިކާ ޑޮލަރު ނުވަތަ ޔޫރޯ އަދި އިންޑިއާ ރުޕީ މެދުވެރިކޮށެވެ.
އިންޑިއާ އިން ރާއްޖެއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް މި ދިނީ ބޭރުގެ ދަރަނި އަދާކުރުމަށްޓަކައި ޑޮލަރުގެ ތާށިކަން ކުރިމަތިވެފައި ވަނިކޮށެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި އިތުރު ހަތަރު އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފައިވެއެވެ. އެއީ:
އިންޑިއާގެ ރަޝްތްރިޔާ ރަކްޝާ ޔުނިވާސިޓީ އާއި ރާއްޖޭގެ ޕޮލިސް ކޮލެޖާއެކު ވެފައިވާ އެއްބަސްވުން
ކޮރަޕްޝަން ނައްތާލުމަށްޓަކައި އިންޑިއާގެ ސެންޓްރަލް ބިއުރޯ އާއި ރާއްޖޭގެ އޭސީސީއާ އެކު ވެފައިވާ އެއްބަސްވުން
ރާއްޖޭގެ ޖުޑީޝަރީ އޮފިސަރުން ތަމްރީނުކުރުމަށްޓަކައި އިންޑިއާގެ ޖުޑީޝަލް އެކަޑެމީ އާއި ރާއްޖޭގެ ޖޭއެސްސީ އާ އެކު ވެފައިވާ އެއްބަސްވުން
ކުޅިވަރާއި ޒުވާނުން ކުރިއެރުވުމަށް އިންޑިއާ އާއި ރާއްޖެއިން ވެފައިވާ އެއްބަސްވުންތައް އާ ކުރުން



