އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައި އޮތް ފެންގަނޑު މަރާމާތުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.
ސްޓެލްކޯއިން މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ އަދި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއެކު ބޭއްވުނު ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމަށްފަހު، އިސްލާމިކް މިނިސްޓްރީން ވަނީ، މި މަޝްރޫޢުގައި ބައިވެރިވުމަށް ސްޓެލްކޯއިން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާކަން ހާމަކޮށްފައެވެ.
މިކަމާއި ގުޅިގެން ފަހުމީ “އެކްސް”ގައި ވަނީ ޤައުމުގެ ސަގާފީ އަދި ދީނީ ތަރިކަ ދެމެހެއްޓުމަށް އެހީތެރިވުމުގެ ފުރުޞަތުތައް ބަލައި ދިރާސާކުރުމަކީ ސްޓެލްކޯއަށް ލިބޭ ޝަރަފެއްކަމަށް ވިދާޅުވެފައެވެ.
“އިސްލާމީ މަރުކަޒުގެ މުންނާރުގެ ދަށުގައިވާ ފެންގަނޑަކީ ތާރީޚީ މުހިންމުކަމެއް އޮތް ތަނެއް. އަދި އެތަން ލޮބުވެތި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑުމެން ވަނީ ޢަޒުމް ކަނޑައަޅާފަ.” ފަހުމީ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައި އޮތް ފެންގަނޑު އައުކޮށް، އޭގެ ރީތިކަން އިތުރުކޮށް، އާންމުންނަށް އުފާވެރިކަމާއެކު ބަލައިލެވޭ ތަނަކަށް ހެދުން ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ސްޓެލްކޯއިން އިސްލާމިކް މިނިސްޓްރީގެ ޓީމާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަން ފަހުމީ ފާހަގަކުރެއްވިއެވެ.
އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން ދާދިފަހުން އިއުލާންވެސް ކުރިއެވެ. ނަމަވެސް އާންމުންގެ ކަންބޮޑުވުން ހުރުމާއެކު މިއީ އެކަން ކުރަން އެންމެ މުނާސަބު ވަގުތު ނޫންކަމަށް ބުނެ މިނިސްޓްރީން ފަހުން ވަނީ އެ އިއުލާން ބާތިލްކޮށްފައެވެ.



