މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ކައުންޓަފީޓް ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 16 މީހަކު ހުއްޓުވާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
އިމިގްރޭޝަނުން ރާއްޖޭގެ ބޯޑަރުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެވިޔަނުދީ ހިފަހައްޓާފައިވާ މީހުންގެ ކޭސްތަކުގެ ތަފާސްހިސާބުތައް ވަނީ އާއްމުކޮށްފައެވެ.
އިމިގްރޭޝަނުން މިއަހަރުގެ ނިމުނު ތިން ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮޅުވާލައިގެން ރާާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހުއްޓުވާފައިވަނީ އަހަރުގެ ތިންވަނަ ކުއާޓަރުގަ އެވެ.
އެގޮތުން އޮޅުވާލައިގެން ވައިގެމަގުން ރާއްޖެއަށް އެތެރެވާން އުޅުނު ޖުމްލަ 45 މީހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ހުއްޓުވާފަ އެވެ. އެއީ ފުރަތަމަ ކުއާޓަރުގައި 8 މީހުންނާއި ދެވަނަ ކުއާޓަރުގައި 17 މީހުން އަދި ތިންވަނަ ކުއާޓަރުގައި 20 މީހުންނެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އަތުލައިގަތް މީހުންގެ ހިސާބުތައް:
ކައުންޓަފީޓް ޕާސްޕޯޓް: 5
ކައުންޓަފީޓް އައިޑީ: 1
ކައުންޓަފީޓް ބަޔޯ ޕޭޖް: 3
ފެންޓަސީ ޕާސްޕޯޓް: 1
އިމްޕޯސްޓާ: 4
ކައުންޓަފީޓް ވިސާ: 2
ކައުންޓަފީޓް ސްޓޭމްޕް: 4
އެކި ގޮތްގޮތަށް އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން ގިނައިން މަސައްކަތް ކޮށްފައި ވަނީ މެދުއިރުމަތިން އައި މީހުންނެވެ. އެ މީހުން ޔޫރަޕަށް އެތެރެވުމަށް ރާއްޖެ ބޭނުންކުރަނީ ޓްރާންސިޓްވާ ގައުމެއްގެ ގޮތުގަ އެވެ.



