މެލޭޝިޔާގައި ބޭއްވުނު 64 ވަނަ ބައިނަލްއަޤްވާމީ ޤުރުއާން ކިޔެވުމާއި ހިތުދަސްކުރުމުގެ މުބާރާތުން ދިވެހިރާއްޖޭގެ ދަރިވަރެއްފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައެވެ.
އިސްކަންދަރު ސްކޫލުގެ ގްރޭޑް 10 S6 ގެ ދަރިވަރު ފާޠިމަތު ޝާޔާ ޒާހިރު ވަނީ މި މުބާރާތުގެ ރިސައިޓަލް ކެޓަގަރީން ތިންވަނަ ހޯދައިފައެވެ.
އޮކްޓޯބަރު 5 ވަނަ ދުވަހުން ފެށިގެން ކުރިއަށްދިޔަ މި މުބާރާތުގައި ޝާޔާ ވަނީ 94.38 އިންސައްތަ މާކްސް ހޯދައިގެން ތިންވަނަ ހޯދާފައެވެ. މި ކެޓަގަރީން އެއްވަނަ ހޯދީ ނައިޖަރުގެ ހަބްސަތޫ ހަމީސޫ ބައުބާކާރު 96.13 އިންސައްތަ މާކްސް ހޯދައިގެންނެވެ. ދެވަނައަށް ދިޔައީ މެލޭޝިޔާގެ ޕުޓްރީ އަމީނާ މުހައްމަދު ހަނީފް 94.89 އިންސައްތަ މާކްސް ހޯދައިގެންނެވެ.
ޝާޔާ ހޯދި މި ކާމިޔާބީ ފާހަގަކޮށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޝާޔާއާއި އޭނާގެ އާއިލާއާ ބައްދަލުކޮށް މަރުހަބާ ދަންނަވައިފައެވެ.
“މި އުފާވެރި މުނާސަބަތުގައި ޝާޔާއާއި އާއިލާއަށް ތަހުނިޔާއާއި ހެޔޮ ދުޢާ ރައްދުކުރަން. މިއީ ރާއްޖެއަށް ލިބުނު ފަޚުރެއް” މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މެލޭޝިޔާގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓް (ޖޭކިމް) އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި 71 ޤައުމަކުން 92 ބައިވެރިން ވާދަކުރިއެވެ. މީގެ ތެރޭގައި ކިޔެވުމުގެ ބައިގައި 53 ވާދަވެރިންނާއި ހިތުދަސްކުރުމުގެ ބައިގައި 39 ބައިވެރިން ހިމެނެއެވެ. މުބާރާތުގެ އެސެސްމަންޓްގައި އެކި ޤައުމުތަކުގެ 15 ފަނޑިޔާރުން ބައިވެރިވިއެވެ. މީގެ ތެރޭގައި މޮރޮކޯ، ތުރުކީ، ސަޢޫދީ އަރަބިއްޔާ އަދި އިންޑޮނޭޝިޔާގެ ފަނޑިޔާރުން ހިމެނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝާޔާ މެލޭޝިޔާއަށް ފުރުމުގެ ކުރިން، މިނިސްޓަރު ޝަހީމް ވަނީ ޝާޔާއާއި އޭނާގެ އާއިލާއާ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ.



