ރައީސް ޑރ. މުޙައްމަދު މުއިއްޒު އެއްގޮތަކަށްވެސް ފްލެޓާއި ގޯއްޗަށް އަތެއް ނުބާނާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވެފައިވަނީ ދިޔަވަރުގައި ފްލެޓްތައް ޕީއެންސީ މީހުންނަށް ބެހުމަށް، ބައެއް މަޖިލީސް މެމްބަރުންނަށް، ކޮންމެ މެމްބަރަކު ބޭނުންވާ ކޮންމެވެސް 20 މީހެއްގެ ނަން ދިނުމަށް ރައީސް މުއިއްޒު އެންގެވިކަމަށް ބުނެ ފެތުރިފައިވާ ޚަބަރަކަށް ރައްދު ދެއްވަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައިފަލާހު ވަނީ “މިއީ މި އަހަރުވެސް ހެދި އެންމެ ބޮޑު ދޮގު” ކަމަށާއި “ރައީސް މުއިއްޒު އެއްގޮތަކަށްވެސް ފްލެޓާއި ގޯއްޗަށް އަތެއް ނުބާނާނެ” ކަމަށް ވިދާޅުވެފައެވެ.
އަދި އެމަނިކުފާނު ރަނުން ރަނަށް ވެ ވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް ގޯއްޗާއި ފްލެޓް އޭގެ ހައްގުވެރިންނަށް ހަވާލު ކުރައްވާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
“ޕީއެންސީ އެއްވެސް އެމްޕީއަކު ގޯހެއް ނުހައްދަވާނެ” ފަލާހު ވިދާޅުވިއެވެ.
މި ހަބަރާއި ގުޅިގެން ސަރުކާރުގެ ފަރާތުން ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.



