ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޭޕު މަނާކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ޤައުމުގެ މާދަމާގެ މުސްތަޤްބަލަށް ޓަކައި ނުހަނު ބޭނުންތެރި ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އެތަކެތި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
މި ނިންމެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕުގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމުގެ މަތިވެރި މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި މި ނިންމެވުމަކީ ޤައުމުގެ މާދަމާގެ މުސްތަޤްބަލަށް ޓަކައި ނުހަނު ބޭނުންތެރި ނިންމެވުމެއް ކަމަށެވެ. އަދި މި ނިންމެވުމަށް މަރުހަބާ އާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.
މަޖިލީހުގެ ރައީސްގެ އިތުރުންވެސް ގިނަ ބަޔަކު ދަނީ ރައީސްގެ މި ނިންމެވުމަށް ތައުރީފުކޮށް ޝުއޫރުތައް ފާޅުކުރަމުންނެވެ.
ރާއްޖޭގައި ފަހަކަށް އައިސް ވޭޕް ބޭނުންކުރާ ފަރާތްތައް އާދަޔާ ޚިލާފަށް ގިނަވެ، ފުއްޕާމޭގެ ބަލިތައް ވަނީ އިތުރުވެފައެވެ.



