ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެގޮތުން މިއަދު “އެކްސް”ގައި ރައީސް ވަނީ ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމަށް އެހީތެރިވެދޭ ޤައުމީ ކެމްޕޭނެއް ފެށުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.
އަދި 1 ނޮވެމްބަރ 2024 އިން ފެށިގެން ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުމަށާއި، އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތައް ގެނައުމަށްޓަކައި، އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ގެނައުމަށް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.
“ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން” ރައީސް “އެކްސް”ގައި ވިދާޅުވިއެވެ.
އިއްޔެ ރައީސް ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާ ކުރުމުގެ އިތުރުން، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.



