ސަރުކާރުގެ ޚަރަދު ކުޑަކުރަން ކުރިއަށް 15 ދުވަހުގެ ތެރޭ 228 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް ވިދާޅުވީ، މި ގޮތުން އެކިއެކި ވުޒާރާތަކުން ވަކިކުރާ ފަރާތްތައް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ވަކިކުރަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެއެވެ.
ވަކިކުރަން ނިންމަވާފައިވާ ސިޔާސީ ބޭފުޅުންގެ ތެރޭގައި ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ.
މި މުވައްޒަފުން ވަކިކުރުމުން ސަރުކާރުގެ ރިކަރެންޓު ޚަރަދުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަކި ކުރެއްވުމަށް ރައީސް ނިންމަވާފައިވާއިރު ސަރުކާރުން މިހާރު ވަނީ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށްވެސް ބަދަލުތަކެއް ގެނައުމަށް ނިންމަވާފައެވެ.



