ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ގްރީން ޓެކްސް އާއި އެއާޕޯޓު ފީ ބޮޑުކުރުމަށް ހުށަހެޅި ދެ ބިލު ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ދެ ބިލުގެ އިބްތިދާއީ ބަހުސް ނިމުމާއެކު، މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 58 މެމްބަރުން ވަނީ ވަނީ ކޮމިޓީއަށް ފޮނުވުމަށް ތާއީދުކޮށް ވޯޓުދީފައެވެ. އެމްޑީޕީގެ 10 މެމްބަރަކު ވަނީ މިކަމާ ދެކޮޅަށް ވޯޓުދީފައެވެ.
ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހުގައި، ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ތިން ޑޮލަރުން ހަ ޑޮލަރަށް، އަދި 2025 އިން ފެށިގެން 12 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
އެއާޕޯޓު ފީ ބޮޑުކުރުމަށް ހުށަހަޅާފައިވާ ގޮތުގައި، އިކޮނޮމީ ކްލާހުން 50 ޑޮލަރު، ބިޒްނަސް ކްލާހުން 120 ޑޮލަރު، ފަސްޓް ކްލާހުން 240 ޑޮލަރު އަދި ޖެޓުން ފުރާ މީހުންގެ އަތުން 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅާފައެވެ.
މި ދެ ބިލު ވެސް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ދިރާސާކުރަން ވަނީ ފޮނުވާފައެވެ.



