ދަރަނިވެރިވެފައިވާ ގައުމެއް އަހަރެއްވަންދެން ފައިސާ ޗާޕުނުކޮށް ހިންގުމަކީ ރައީސް މުޙައްމަދު މުޢިއްޒަށް ސެލިއުޓު ހައްގު ކަމެއްކަމަށް މަޖިލިސް މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ރިފާއު މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި ހިނގި ޓޫރިޒަމް ގާނޫނުގެ އިސްލާހު ބަހުސްގައި ވާހަކަދައްކަވަމުންނެވެ. މި އިސްލާހުގައި ގްރީން ޓެކްސް 50 އިންސައްތަ ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
ރިފާއު ވިދާޅުވީ މި އިސްލާހުން އާންމު ރައްޔިތުންގެ ޖީބަށް އަސަރެއް ނުކުރާނެ ކަމަށާއި، ޓެކްސްގެ އާމްދަނީ ބޭނުންކުރާނީ ރައްޔިތުންނަށާއި ގައުމުގެ ތަރައްގީއަށް ކަމަށެވެ.
މީގެއިތުރުން، ކުރީ ސަރުކާރުން ދިން 15،000 އަށްވުރެ ގިނަ ވަޒީފާގެ ބުރަ މިހާރު އުފުލަނީ މި ސަރުކާރުން ކަމަށް ރިފާއު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ދަތިތަކާއެކުވެސް ފައިސާ ޗާޕުނުކޮށް ގައުމު ހިންގުމަކީ ރައީސަށް ސެލިއުޓު ހައްގު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ އެއާޕޯޓު ފީ، ޑިއުޓީ އަދި ގްރީން ޓެކްސް ބޮޑުކުރުމަށް އިސްލާހު ހުށަހަޅާފައެވެ. މި ބަދަލުތައް ތަންފީޒުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުންނެވެ.



