މާލޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ބޭނުންތަކަށް އެކަށޭނަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ސޯސަންމަގު ސަބްސްޓޭޝަނަށް މުހިންމު ބަދަލެއް ގެނެސްފިއެވެ.
ސްޓެލްކޯއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މާލޭގެ ސޯސަންމަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި ޤާއިމްކޮށްފައިވާ ސަބްސްޓޭޝަންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި 1500 ކޭވީއޭގެ އައު ޓްރާންސްފޯމަރެއް ވަނީ ހަރުކޮށްފައެވެ. މި އައު ޓްރާންސްފޯމަރު ބެހެއްޓުމުގެ ކުރިން އެތަނުގައި ބޭނުންކުރަމުން އައީ 630 ކޭވީއޭގެ ޓްރާންސްފޯމަރެކެވެ.
ސްޓެލްކޯގެ ފަރާތުން ވިދާޅުވި ގޮތުގައި، މި މަސައްކަތަކީ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ްގައި ފޯރުކޮށްދިނުން އިތުރަށް ޔަޤީންކޮށް، މާލޭގެ އަބަދުވެސް އިތުރުވަމުންދާ ބޭނުންތަކަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށާއި، އެންމެ ބޮޑަށް ކަރަންޓު ބޭނުންވާ މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކަރަންޓުގެ ވިއުގަ ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ.
އަދި މީގެ އިތުރުން، މާލޭގެ ކަރަންޓަށް އޮންނަ ޑިމާންޑާ އެއްހަމައެއްގައި ޚިދުމަތް ދިނުމަށްޓަކައި، ކަރަންޓު ބެހުމުގެ ވިއުގައިގެ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މި އަހަރުގެ ތެރޭގައި ކުރުމަށް ރޭވިފައިވާ ކަމަށްވެސް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.



