ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ބިދޭސީ މީހާ ޑީޕޯޓުކުރީ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފުވެފައިވާތީ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ބުޅާމަސް އަޅައިގެން ކާތަކެތި ތައްޔާރުކުރި ކަމުގެ އެއްވެސް ހެއްކެއް ނުފެނުމުން ތަހުގީގު ނިންމާލައި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަރަފާތު ހޮސެއިން، 32، ރާއްޖެއިން ޑީޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ އަރަފާތު ޑީޕޯޓުކޮށްފައިވަނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފުވެފައިވާތީ ކަމަށެވެ. އަދި ޑިޓެންޝަންގަ އޭނަ ބަހައްޓާފަ ހުރި އެ މުއްދަތުގައި އަރަފާތުގެ މައްސަލައެއް ފުލުހުންވެސް ބަލަމުންދިޔުމާއި ގުޅިގެން ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މިހާތަނަށް ކުރި ތަހުގީގުން ބުޅާމަސް އަޅައިގެން އެއްވެސް ކާއެއްޗެއް އަރަފާތު ތައްޔާރުކުރި ކަމުގެ ހެއްކެއް ނުފެންނަ ކަމަށެވެ.
ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ފުލުހުން އަރަފާތު ހައްޔަރުކުރީ އޯގަސްޓް މަހުގެ 20ވަނަ ދުވަހުއެވެ.



