ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެކި ވިޔަފާރިތަކުން ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކޯޕަރޭޝަނުން ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައި، އަދި ތަރައްގީކުރަމުން އަންނަ ތަންތަނަށް ފައިސާ ނުދައްކަ ހުރި ފަރާތްތަކުން 30 ނޮވެމްބަރުގެ ނިޔަލަށް ދައްކާ ހަލާސް ކުރުމަށެވެ. އަދި އެ މުއްދަތުގެ ކުރިން ދައްކަންޖެހޭ ފައިސާއެއް ނެތްކަން ޔަގީންކުރުމަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ނޯޓިސްއެއް ދިނުމަށްފަހު، އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަންޖެހޭ ފައިސާގެ އަދަދު އެޗްޑީސީގެ ވެބްސައިޓުން އާންމުންނަށް ފެންނާނެހެން ޝާއިއު ކުރެވޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށާއި، އިތުރު މައުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.



