ޕްލާސްޓިކް ކޮތަޅުން ތިމާވެއްޓަށް ގެއްލުންވާތީ 2 ރުފިޔާގެ ޓެކްސް ނަގަން ފަށާފައިވާއިރު، ދުންފަތަކީ ކަނޑައެޅިގެން ދިވެހި ރައްޔިތުންނަށް ގެއްލުންހުރި އެއްޗެއްކަމަށާއި، އޭގެން ޓެކްސް ބޮޑުކޮށް ނަގަންޖެހޭ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
އިބްރާހިމް ދީދީ މިހެން ވިދާޅުވީ މިއަދު މަޖިލީހަށް ހުށަހެޅުނު ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިސާލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
އިބްރާހިމް ދީދީ ވިދާޅުވީ ދުންފަތުން ޓެކްސް ނަގަން ނިންމީ ހަމައެކަނި ދައުލަތަށް އާމްދަނީ ހޯދުމަށް ނޫން ކަމަށާއި، އޭގެ ރައްޔިތުންނަށް ލިބޭ ގެއްލުމުން ސަލާމަތްކުރުމަށް ކަމަށެވެ. އޭނާ ވަނީ ދުންފަތް ބޭނުންކުރާ މީހާއާއި، ނުކުރާ މީހާއާއި، އެކަމަށް ނަފްރަތުކުރާ މީހާއަށްވެސް ގެއްލުންވާ ކަމެއްގެ ގޮތުގައި ދުންފަތް ބޭނުންކުރުން ފާހަގަކުރައްވާފައެވެ.
“މުޅި ދުނިޔެ ދުންފަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، ދުންފަތުން ޓެކްސް ނަގާތީ ބަޔަކު ބިރުން ފިއްކަނޑައިގެން ގޮސްގެން އުޅެނީ،” އިބްރާހިމް ދީދީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދިވެހި ރައްޔިތުން ދާދިފަހުން ބާޒާރުކުރަން ގެންގުޅޭ ޕްލާސްޓިކް ކޮތަޅުން ތިމާވެއްޓަށް ގެއްލުންވާތީ 2 ރުފިޔާގެ ޓެކްސް ނަގަން ފަށާފައިވާއިރު، ދުންފަތަކީ ކަނޑައެޅިގެން ދިވެހި ރައްޔިތުންނަށް ގެއްލުންހުރި އެއްޗެއްކަން ފާހަގަކުރެއްވިއެވެ.
އިބްރާހިމް ދީދީ ހާމަކުރެއްވި ގޮތުގައި އާސަންދައިން ބޭސްކުރަން 974 މިލިޔަން ރުފިޔާ ކޮންމެ މަހަކު ދުންފަތުންވާ ގެއްލުމަށް ބޭސްކުރުމަށް ހަރަދުކުރާއިރު، ދުންފަތަށް ނަގާ ޓެކްސްއކްސްއިން އެވަރެއް ނުވެސް ލިބެއެވެ.



