ރާއްޖެއިން އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުއްދަ ދީފިއެވެ. މި ނިންމުން ފާސްކޮށްފައިވަނީ މަޖިލީހުގެ 61 މެންބަރުންގެ އިއްތިފާޤުންނެވެ.
ސަރުކާރުން އައިއޭއީއޭގައި ބައިވެރިވުމަށް ނިންމާފައިވަނީ މިދިޔަ މަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ. އޭރުގެ ފޮރިން މިނިސްޓަރު އަދި މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، މި ފިޔަވަޅު އަޅަނީ ރާއްޖޭގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަށް އެހީތެރިކަން ހޯދުމަށް ކަމަށެވެ.
މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވެފައިވަނީ، ހޮސްޕިޓަލް ނިމޭއިރަށް އައިއޭއީއޭގައި ބައިވެރިވެ، އެ އޭޖެންސީން ލިބެންހުރި ފައިދާތައް ލިބޭނެކަމުގެ އުއްމީދު އޮތް ކަމަށެވެ. އަދި މިހާރު މި ސަރަހައްދުން އައިއޭއީއޭގައި ބައިވެރިނުވެ އޮތީ ހަމައެކަނި ރާއްޖެއާއި ބޫޓާން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިންމުމާއެކު، ރާއްޖެ އައިއޭއީއޭގައި ބައިވެރިވުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް، ޚާއްޞަކޮށް ކެންސަރު ފަރުވާއަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.



