ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީގެ ސަބް ކޮމިޓީއަކަށް ޓެކްސް ބޮޑުކުރުމުގެ ދެ ބިލު އިތުރަށް ދިރާސާކުރުމަށް މިއަދު ފޮނުވައިފިއެވެ.
މި ދެ ބިލަކީ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަ އިސްލާހާއި، ދިވެހިރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާ ބެހޭ ގާނޫނަށް ގެންނަ އިސްލާހެވެ.
މި ދެ ބިލު ސަބް ކޮމިޓީއަށް ފޮނުވުމަށް ނިންމީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމަށް ހުށަހަޅާފައިވާއިރު، އެއާޕޯޓް ޓެކްސްގެ ގޮތުގައި ބިދޭސީންގެ އަތުން ނަގާ އަދަދު ވެސް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
މި އިސްލާހުތަކަށް ތާއީދުކުރި ނަމަވެސް، ޓެކްސް ބޮޑުކުރާ ތާރީޚާ ގުޅޭ ގޮތުން ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



