ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަބްދުއްރަހީމް އަބްދުﷲ، އެމަނިކުފާނުގެ މުސާރައިން 50 އިންސައްތަ ނުނަގަން ނިންމަވައިފިއެވެ.
މިގޮތަށް ނިންމެވީ ދައުލަތުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. މީގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރެއްވުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން ވެސް 10 އިންސައްތަ އުނިކުރެއްވުން ހިމެނެއެވެ.
މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި، ޝަރުޢީ ދާއިރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން ވެސް 10 އިންސައްތަ އުނިކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
ނަމަވެސް 12,000 ރުފިޔާއަށްވުރެ ދަށުން މުސާރަ ލިބޭ ފަރާތްތައް މި ފިޔަވަޅުތަކުން އިސްތިސްނާ ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަދި ރައީސްގެ މުސާރައިންވެސް 50 އިންސައްތަ ނުނަގަން ނިންމަވާފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.



