ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަނބަލުންނަށް ހާއްސަކޮށްގެން އިލެކްޓްރީޝަން ކޯހެއް ހިންގުމަށް ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސްޓެލްކޯއިން ބުނިގޮތުގައި މި ކޯހަކީ ‘ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން’ ގެ ނަމުގައި ހިންގާ ކޯހެކެވެ.
އަދި މި ކޯހުގެ މަޤްޞަދަކީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުޤުވެރިކުރުވައި، އެ ދާއިރާގައި ފިރިހެނުންނާ އެއް ހަމައެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި، މި ކޯހުގައި ކަރަންޓާ ގުޅޭ އަސާސީ ކަންކަން ކިޔަވައިދޭނެއެކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކޯހުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ރައްކާތެރިގޮތުގައި ކަރަންޓު ބޭނުންކުރުމާއި، ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމުގެ އިތުރުން، ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މަޢުލޫމާތު ހިމެނެއެވެ. މި ކޯހަކީ ހިލޭ ފޯރުކޮށްދޭ ކޯހެކެވެ.
މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ އުމުރުން 16 އަހަރު ފުރިފައި ވުމެވެ. މާލޭގައި 4 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސް އޮންނާނީ ކޮންމެ ދުވަހުވެސް ތިން ގަޑިއިރަށް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.



