ދައުލަތުގެ މުޅި ބަޖެޓުން ސިޔާސީ ފަރާތްތަކުގެ މުސާރައަށް ހަރަދުކުރަނީ އެންމެ އެއް ޕަސެންޓު ކަމަށް ވީނަމަވެސް، ސިޔާސީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ނިންމާފައިވަނީ ސަރުކާރުން ހަރަދު ކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ފައިދާވާ ކުންފުނިތަކަކަށް ހެދުމަށްޓަކައި އެ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނައުމާއި ބައެއް ކުންފުނިތައް އުވާލުން ފަދަ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރުމާއި، މިފްކޯއަށް މަސްވެރިން ވިއްކާ މަހުގެ އަގު ހިފެހެއްޓުމަށްޓަކައި ބޭރުގެ ބާޒާރުގެ އަގުތަކާ ގުޅިފައިވާ ދެމެހެއްޓެނިވި ސަބްސިޑީ ނިޒާމަކަށް ބަދަލުކުރުން، އަދި ޕީއެސްއައިޕީ ޕައިޕްލައިން ދައުލަތުގެ މާލީ ހާލަތާ އެއްގޮތަށް އަލުން ތަރުތީބުކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުސާރައިގެ ދެބައިކުޅަ އެއްބައި ކުޑަކުރެއްވުމާއި، ސިޔާސީ މުވައްޒަފުންނާއި ބައެއް މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރުން، އަދި ދަތުރުފަތުރާއި ހަފްލާތައް ބޭއްވުން ފަދަ ކަންކަމަށް ކުރާ ހަރަދުތައް ހިފެހެއްޓުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“ސިޔާސީ ފަރާތްތަކުގެ މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދައިގެ 4 އިންސައްތަ ކަމުގައިވީ ނަމަވެސް، މި ބަދަލު ގެނައީ ފިސްކަލް ދެމެހެއްޓެނިވިކަން އިއާދަކުރަން ކުރަމުންދާ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެ، ކުޑަ ނަމަވެސް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައި,” މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.



