ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުންނާއި ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
“އަނބިދަރިންނަށް ޙަރަދުކުރުން” މި މައުޞޫއުގެ ދަށުން މިއަދު ދިން ހުކުރު ޙުތުބާގައި ވަނީ ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި އޭނައަށް ބައްޕަކިޔާ ދަރިންނަށް ޙަރަދު ދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
އެގޮތުން ޙުތުބާގައި ވަނީ ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި އޭނައަށް ބައްޕަކިޔާ ދަރިންނަށް ޙަރަދު ދިނުމަކީ ދީނީގޮތުން ވާޖިބެއް ކަމަށާޢި އެއީ އިސްލާމްދީނާއި އަހަރެމެންގެ މާތްވެގެންވާ ކީރިތި ރަސޫލާﷺ ނުހަނު ބާރުއަޅުއްވާ ކަމެއް ކަމަށް ބުނެފައެވެ. އަދި އެކަލޭގެފާނު މި ދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި އެންމެ ފަހުން ކުރެއްވި ވަޞިއްޔަތްޕުޅުގައި ވެސް އަންހެނުންނަށް ކަމޭހިތުމަށް ވަސިއްޔަތްކުރައްވާފައިވާކަންވެސް ޙުތުބާގައި ވަނީ ފާހަގަަކޮށްފައެވެ.
ޙުތުބާގައި ވަނީ ތިބާގެ އަނބިމީހާ ފުދުންތެރިއަކަށް ނުވަތަ މުއްސަންޖަކަށް ވިޔަސް ތިބާ އޭނާއަށާއި ދަރީންނަށް ޚަރަދުކޮށް، އެ މީހުންނަށް ކެއިންބުއިމާއި އަންނައުނާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދޭން ޖެހޭނެކަމަށް ބުނެފައެވެ. އަދި އެއީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއްކަމަށް ޙުތުބާގައި ތަކުރާރުކޮށް ވަނީ ހަނދާންކޮށްދީފައެވެ. ހަމައެހެންމެ އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށް ޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއްކަން ވެސް ޙުތުބާގައި ފާހަގަކޮށްފައިވެއެވެ.
ފިރީންނަކީ މާތް الله ވަރަށް މަތިވެރި އަމާނާތެއް ޙަވާލުކުރައްވައިފައިވާ ބައެއްކަން ހަނދާންކޮށްދެމުން ޙުތުބާގައި ވަނީ ފިރިންނަށް ޙަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީން ކަމަށްވެސް ބުނެފައެވެ. ހަމައެހެންމެ، އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމަކަށްވާ އިރު އެ ވާޖިބު އަދާކުރުން މަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއްކަން ފާހަގަކޮށްފައި ވެއެވެ.
އެހެން ނަމަވެސް މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާ ކަމަށާއި، އެއީ ހިތާމަ ހުރި ކަމެއްގެ ގޮތުގައި ޙުތުބާގައި ސިފަކުރައްވާފައިވެއެވެ. އަދި ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންވެސް މިހާރު ނުހަނު ގިނައިރު، ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުން އޭގެތެރޭގައި ގިނަ އަދަދަކަށް ހިމެނޭކަން ޙުތުބާގައި ފާހަގަކޮށްފައި ވެއެވެ.
ޙުތުބާގައި ވަނީ އެ ކަންކަމާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެކަނ ހަނދާންކޮށްދީ އެ ގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެކުރީން ތައުބާވެ، اللهގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ވަޞިއްޔަތް ކޮށްފައެވެ.



