އެއްގަމުގައި ދުއްވާ އުޅަނދުތަކުގައި ބޭނުންކުރާ ޑޮމެއިން ނަންބަރުގެ ޚިދުމަތް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ޚިދުމަތް ހުއްޓާލާފައިވަނީ ކުރީގެ ސަރުކާރުގެ ދައުރުގައި ރައީސް އޮފީހުންނެވެ.
މިނިސްޓްރީން ބުނާ ގޮތުގައި، މި ޚިދުމަތާ ގުޅިގެން ދިމާވެފައިވާ ގިނަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މިހާރުގެ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެމުންދެއެވެ. އެހެންނަމަވެސް، މި މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގައި މި ޚިދުމަތުގެ ރެކޯޑުތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ނެތުންކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނިގޮތުގައި އަމާޒަކީ މި ޚިދުމަތް އަލުން ފެށޭއިރު، ރެކޯޑުތައް ބެލެހެއްޓުމާއި މޮނިޓަރ ކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި، ހަރުދަނާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި މި ޚިދުމަތް ފޯރުކޮށްދިނުމުގައި ދޫކުރެވޭ ހުރިހާ ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗަރތައް އެކުލެވޭ ލިޔެކިޔުންތަކަށް ބަދަލުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި މަސައްކަތުގެ ތެރޭގައި އެއްވެސް ފަރާތެއްގެއްގެ ޙައްޤަކަށް އުނިކަމެއް ނާންނާނެ ކަމަށާއި، ޑޮމެއިން ޚިދުމަތަކީ އެންމެންގެ އިތުބާރު ލިބިފައިވާ ޚިދުމަތަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ.



