ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސް ބޮޑުކުރުމުގެ ބިލްތައް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރުކަމަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަދި ނައިބު މުޤައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އިންތިޚާބުކޮށްފިއެވެ.
މިއަދު ބޭއްވުނު މާލިއްޔަތު އަދި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި މި ދެ މަޤާމަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. މި ބައްދަލުވުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުގެ ހުށަހެޅުއްވުމަކަށް، ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން މި ދެ ބޭފުޅުން ވަނީ ހޮވިވަޑައިގެންފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިން ޓެކުހެއް ބޮޑުކުރުމަށް ބޭނުންވާ ޤާނޫނީ އިޞްލާޙުތައް މަޖިލީހަށް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ގްރީން ޓެކްސް، ޓީޖީއެސްޓީ، އަދި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކުހަށް ގެންނަން ބޭނުންވާ ބަދަލުތަކެވެ.
ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި، މި ބަދަލުތަކަކީ ރައްޔިތުންނަށް ވީހާވެސް ކުޑަކޮށް އަސަރުކުރާނެ ގޮތަކަށް ރޭވިފައިވާ ފިޔަވަޅުތަކެކެވެ. އަދި ރައްޔިތުންގެ އަތުން އާ ޓެކުހެއް ނުނަގާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވެއެވެ.



