ގދ. ގައްދޫ ސަރަޙައްދުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ހިފަހައްޓައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޑްރަގް އެންޑް ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައި ފާސްކުރުމުން 1224 ދަޅު އަދި 124 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި ހުރިހާ ތަކެއްޗެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ގައްދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންޑް ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނާ ގޮތުގައި މިއީ ސަފާރީގައި ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.



