ހުޅުމާލޭގައި ގާއިމުކޮށްފައިވާ ރައުންޑްއެބައުޓްތަކުގެ ސަބަބުން އެކްސިޑެންޓު ހިނގާ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.
ޕީއެސްއެމަށް ދިން އިންޓަވިއުއެއްގައި އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާޢީލް ރަފީޢު ވިދާޅުވި ހުޅުމާލޭގައި ކުރިން އެކްސިޑެންޓު އާންމުކޮށް ހިނގާ 32 ސަރަހައްދު ހުރި ނަމަވެސް، މިހާރު އެ އަދަދު އަށަކަށް ތިރިވެފައިވާ ކަމަށެވެ.
ރަފީޢު ވިދާޅުވި ގޮތުގައި ރައުންޑްއެބައުޓްތައް ގާއިމުކުރުމާ ގުޅިގެން ގިނަ އުޅަނދުފަހަރުތައް އެތެރޭގެ މަގުތަކުން ދަތުރުކުރަން ފަށާފައިވެއެވެ. ނަމަވެސް މިކަމުގެ ސަބަބުން އެތެރޭގެ މަގުތަކުގައި އެކްސިޑެންޓު ހިނގާ މިންވަރު ކޮންމެވެސް ވަރަކަށް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރު އަޙްމަދު ސޮފްވާން ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖު ހުޅުވުމާ ގުޅިގެން ހުޅުމާލޭގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު ވަނީ ކުރިން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުވެފައެވެ. މިކަމުގެ ސަބަބުން ޓްރެފިކް އަދި ޕާކިންގގެ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ޕާކިންގ ބިލްޑިންގތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސޮފްވާން ވިދާޅުވިއެވެ. މި ބިލްޑިންގތަކުގެ ޖާގަ ކަނޑައަޅާފައިވަނީ ހުޅުމާލޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގެ އަދަދަށްވުރެ ދެގުނައަށްވުރެ އިތުރަށް ކަމަށް އޭނާ ވިދާޅުވިއެވެ.