ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެ އައި “އެމް.ޓީ ހޯކްސް ޖަވާހިރު” ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އޮކްޓޯބަރ 25 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.
މި އޮޕަރޭޝަންގައި، ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ލޯކަލް ދޯންޏެއްކަމަށްވާ “ހޯކްސް ރޯދި” އަށް އަރުވައިގެން ކ.ތިލަފުއްޓަށް ގެނެސް، އެކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓްރަކަކަށް އެތަކެތި އަރުވައިގެން ގެންގޮސް، ކ. ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑަށް ބޭލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަސްޓަމްސްއިން ވަނީ އެތަކެތި އަތުލައިގަނެފައެވެ.
މީގެއިތުރަށް، ކޯޓު އަމުރެއްގެ ދަށުން “ހޯކްސް ބޯޓްޔާޑު” ބަލައި ފާސްކުރުމުން، އެތަނުގައި ހުރި އެކޮމަޑޭޝަނުންނާއިންނާއި ވޯކްޝޮޕުން މެންޗެސްޓަރ ބްރޭންޑުގެ ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް ފެނި، އެތަކެތިވެސް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
ކަސްޓަމްސްއިން ބުނީ މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްކަމަށާއި، މި މައްސަލައިގެ ތަހުޤީޤް ފަށާފައިވާ ކަމަށެވެ.
އަދި ރާއްޖެއަށް އެތެރެކުރެވޭ މުދަލާގުޅޭގޮތުން ކަސްޓަމްސްގެ ޤާނޫނު ތަންފީޒްކުރުމުގައި ކަސްޓަމްސްއިން ފަސްނުޖެހޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.



