ކުރީގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މި އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް އާންމުކުރުމަށް ނިންމާފައިވާ ހައުސިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާގެ މަތިން އެކުލަވާލެވުނު ކޮމިޓީތަކުން ކުރީގެ ދާއިމީ ލިސްޓް ރަނގަޅު ނޫން ކަމަށް ފާހަގަކުރުމާ ގުޅިގެން، މިހާރު ވަނީ ހުރިހާ ފޯމުތަކެއް އަލުން އިވެލުއޭޓްކުރަން ފަށާފައެވެ.
ކުރިން އާންމުކުރެވުނު ލިސްޓާ ގުޅިގެން ގިނަ ޝަކުވާތަކެއް އުފުލުނު ކަމަށާއި، އޭސީސީގެ ތަޙުޤީޤުން ހާމަވެފައިވަނީ އެ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ ފަރާތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އެޅޭ 32 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 1،200 އެޕާޓްމަންޓެވެ. މި ފްލެޓްތައް އަޅަމުންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ދީފައިވާ 227 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއްގެ ދަށުންނެވެ.
ހައުސިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ވަގުތީ ލިސްޓް އާންމުކުރުމަށްފަހު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށާއި، އެ ޝަކުވާތައް ބެލުމަށްފަހު ދާއިމީ ލިސްޓް އެކުލަވާލައި، ފްލެޓްތައް ހައްޤުވެރިންނާ ހަވާލުކުރެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.



