ދިވެހި ސަރުކާރުން “ފަލަސްތީނާ އެކު ދިވެހިން” ގެ ނަމުގައި ބޭއްވި ޓެލެތޯނުން އެއްކުރެވުނު 1,248,826.56 ޑޮލަރު ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އަށް ފޮނުވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުނު މި ޓެލެތޯނުން ލިބުނު ފައިސާ އަންރުވާއަށް ފޮނުވާފައިވަނީ އޮގަސްޓު 20 ވަނަ ދުވަހުއެވެ. މި ފައިސާ ލިބުނުކަން ކްރޯ މޯލްޑިވްސް އެލްއެލްޕީން ވަނީ ކަށަވަރުކޮށްދީފައެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ފައިސާ ހަރަދުކުރާނެ ގޮތްތަކާ ބެހޭގޮތުން އަންރުވާއާ އެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި މިފަދަ ބޮޑު އަދަދެއްގެ ފައިސާ ހަދިޔާކުރުމަކީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާއީދުގެ ހެއްކެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަންވެސް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ފައިސާ ޓްރާންސްފަރ ކުރިކަން ކަށަވަރުކޮށްދޭ ލިޔެކިޔުންތައް ފޮރިން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.



