ރައްޔިތުންގެ މަޖިލީހުން ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ ކޮމިޓީ މަސައްކަތަށް އިތުރު ދުވަހެއް ދިނުމަށް ފާސްކޮށްފިއެވެ. މިގޮތަށް ފާސްވެފައިވަނީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓެއްގައި 80 މެންބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓް ބަހުސްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު ކޮމިޓީގައި އެ މަސައްކަތްކުރަން އެއް ދުވަހުގެ މުއްދަތެއް ދިނުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ 5.11 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. މި ބަޖެޓުގައި ޕީއެސްއައިޕީއަށް 2 ބިލިއަން ރުފިޔާ، ސަރުކާރު ހ ހިއްސާވާ ކުންފުނިތަކަށް 441.4 މިލިއަން ރުފިޔާ، އަދި ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ ހިމެނެއެވެ.
މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 34 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ސެޕްޓެމްބަރުގެ ނިޔަލަށް ލިބިފައިވަނީ 27 ބިލިއަން ރުފިޔާއެވެ. ސަޕްލިމެންޓްރީ ބަޖެޓާ އެކު މި އަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވެއެވެ.



