ރާއްޖޭން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވެ، އެ މަގާމަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އާއިޝަތު އަޒީމާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ޗައިނާގެ ސަފީރުކަން ވެސް ކުރެއްވި އަޒީމާ އިންޑިއާގެ ސަފީރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މި މަހުގެ 14 ވަނަ ދުވަހުގައެވެ. އަދި އެ ދުވަހު އޭނާގެ ނަން ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ރިޔާސަތުން ފޮނުވިއެވެ.
އަޒީމާ އެ މަގާމަށް އައްޔަން ކުރުމާމެދު މަޖިލީހަށް ފެންނަ ގޮތެއް ބެލުމަށް މިއަދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 79 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ އިންޑިއާއަށް ރާއްޖޭން ކަނޑައަޅާ ސަފީރަކަށް އޭނާ އައްޔަންކުރަން ފެންނަ ކަމަށެވެ.
އިންޑިއާގައި ހުންނަވާ ރާއްޖޭގެސަފީރުކަމުގެ މަޤާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބު އެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުގައި ނޮވެމްބަރު 2022 ގައެވެ.
ފޮރިން ސާވިސް ގާނޫނު ބުނާގޮތުން، ސަފީރުކަމުގެ މަގާމުގައި ބޭފުޅަކަށް ހުންނެވޭނީ ތިން އަހަރުގެ މުއްދަތަށެވެ. ސަފީރު ކަމުގައި ޝަހީބުގެ ތިން އަހަރުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.



