އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ.
މި ބިލު ހުށަހަޅުއްވަމުން އާދަމް ޒާހިރު ވިދާޅުވީ މި އިސްލާހު ގެނައުމުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަ ކުރުން ކަމަށެވެ.
މި އިސްލާހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ:
އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައެޅުން.
ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ ނަމެއް އައްޔަންކުރަންވާނެ ކަމަށް ބަޔާންކުރުން.
ރައީސާއި ނައިބު ރައީސް އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުވަންޖެހޭނެ ކަމަށް ކަނޑައެޅުން.
ކޮމިޝަންގެ އަޣުލަބިއްޔަތުން ރައީސް ނުވަތަ ނައިބު ރައީސް މަސްއޫލިއްޔަތު އަދާނުކުރާކަމަށް ފާސްކުރުމުން އިސްތިއުފާދޭންޖެހޭ މާއްދާ އުވާލުން.
މި އިސްލާހުތަކުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، މެންބަރުން އައްޔަންކުރުމުގެ އުސޫލު އެއްހަމަކުރުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ގާނޫނުގެ ހަތްވަނަ މާއްދާގައި މިހާރު އޮންނަނީ، އެ ދެ ކޮމިޝަނަށް ވެސް ރައީސަކާއި ނައިބު ރައީސަކު އައްޔަން ކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުން ކަމަށެވެ. އަދި އެ މަގާމަށް އައްޔަން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް އެކަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.



