ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން ފަށައިފި އެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓުން މީގެކުރިން ވަނީ ގުރުލުން ކުރިއަށްދާނީ މިދިޔަ ސަރުކާރުގައި ގިރާވަރުފަޅުން ދޫކުރި ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރި މީހުންނާއި ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ކަމަށް ބުނެފައެވެ. އަދި އެ ބަދަލަކީ “ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން”ގެ ދަށުން އައިސްފައިވާ ބަދަލެއް ކަމަށް ބުނެފައި ވެއެވެ.
އެގޮތުން ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތުލުން ބާއްވާފައިވަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.
ގުޅީފަޅުން ބިން ލިބޭ ފަރާތްތަކުން ގުރުލުން ހަމަޖެހިފައިވާ މާލަމަށް ވަދޭވޭނެ ކަމަށާއި، އަދި ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމަކާ އައިޑީކާޑުގެ ކޮޕީ އަކާއެކު ހާޒިރުވުމަށްވެސް މިނިސްޓްރީން އެދިފައިވެއެވެ.
ގުޅީފަޅުން ގޯތި ލިބޭ މީހުންގެ ލިސްޓެއް އިއުލާނާއެކު އާންމުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޖުމްލަ 3،520 ގޯތި ދޫކުރަން ހަމަޖެހިފައިވާއިރު ގޯތި ލިބޭ މީހުން ގުރުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ މީހުންނާއެކު އެއްބަސްވުން ތަކާއި ގުޅޭ މައުލޫމާތު ހައުސިން މިނިސްޓްރީ އިން ފަހުން ހިއްސާ ކުރާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.



