ކ. މާފުށީގެ ކަރަންޓު ޚިދުމަތް އިތުރަށް ފުޅާކޮށް، ރަށުގެ ކަރަންޓުގެ ޑިމާންޑަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
ސްޓެލްކޯއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ކ. މާފުއްޓަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ދެ ސްޓެޕްއަޕް ޓްރާންސްފޯމަރުގެ ތެރެއިން 2000 ކޭވީއޭގެ ޓްރާންސްފޯމަރު މިއަދު ވަނީ 3000 ކޭވީއޭގެ ޓްރާންސްފޯމަރަކަށް ބަދަލުކޮށްފައެވެ. އަދި މި ހަފްތާގެ ތެރޭގައި ދެވަނަ ޓްރާންސްފޯމަރުވެސް 3000 ކޭވީއޭގެ ޓްރާންސްފޯމަރަކަށް ބަދަލުކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނިގޮތުގައި މި ދެ ޓްރާންސްފޯމަރު ބަދަލު ކުރުމާއެކު، މާފުށީގެ މީޑިއަމް ވޯލްޓޭޖް އަޕްސްޓްރީމް ކެޕޭސިޓީ 10 އެމްވީއޭއަށް އަޕްގްރޭޑް ކުރެވިގެންދާނެއެވެ. މީގެ ސަބަބުން މާފުށީގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
މި ބަދަލުތަކަކީ މާފުށީގެ ކަރަންޓު ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރަށުގެ ކަރަންޓުގެ ބޭނުންތަކަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.