މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސުންނާއި ނާއިބު ރައީސުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އައްޔަނުކުރެވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ މިނިވަން މުވައްސަސާތަކުން ހުށަހެޅި ހުށަހެޅުމެއް ކަމަށް އެޗްއާރުސީއެމްގެ މެންބަރު އަދި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ރޭ ވިދާޅުވެއްޖެ އެވެ.
ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން މުއައްސަސާތަކުން މިދިޔަ އަހަރު ރައީސަށާއި އެޓާނީ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ކަރުދާހެއްގައި، އީސީއާއި އޭސީސީގެ ރައީސާއި ނާއިބު ރައީސް އައްޔަން ކުރައްވާނީ ރައީސް ކަމަށް ކަނޑައެޅުމަށް ހިމަނައިފައިވާނެ ކަމަށެވެ.
“އަދި އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ގައުމުތަކުންވެސް އެކަން ކުރަމުން އަންނަގޮތް.” ހަބީބް އިތުރަށް ވިދާޅުވި އެވެ.
އޭސީސީއާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ދޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން މަޖިލީހަށް ބިލުތަކެއް ހުށަހަޅައި، އިއްޔެ ވަނީ ފުރަތަމަ ކިޔުން އިއްވައިފައެވެ.



