ދައުލަތުގެ ބާރުތަކާއި މިނިވަން މުއައްސަސާތަކާއި އިންތިޚާބު ކުރެވޭ އެއްވެސް ބަޔަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، އެފަދަ ބާރުތަކާ ގުޅުންހުރި ބަދަލުތައް ގެންނާނީ އިންސާފު ކަށަވަރުކުރަން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިހާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ކުރިޔަށް އޮތް ތާނގައިވެސް އެއީ ކުރައްވާނެކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދައުލަތުގެ ބާރުތަކަށާއި މިނިވަން މުއައްސަސާތަކަށް އަދި އިންތިހާބުކުރާ މަގާމުތަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވީ ދެ މިނިވަން މުއައްސަސާ ކަމަށްވާ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް އޮކްޓޫބަރު 27 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
މި ދެ ބިލުގައި ވާގޮތުން، އޭސީސީ ނުވަތަ އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރަން ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ނަން ފާސްކުރަން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ. އެ މަގާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.



