މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާއާ ހަމައަށް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މި މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި، މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް، ކުންފުނިން ވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 862.3 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު މަސްވެރިންނަށް ނުދީ ބެކްލޮގްގައި 250 މިލިއަން ރުފިޔާގެ ފައިސާ ހުރި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، މަހުގެ ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް ވުރެ އިތުރުކުރާނެ ކަމަށެވެ. މިވަގުތު ރާއްޖޭގައި މަސް ސްޓޯކުރުމުގެ ކެޕޭސިޓީއަކީ 8،500 ޓަނެވެ. އަދި ދިވެހި މަސްވެރި ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކެޕޭސިޓީ ނެތުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ފެލިވަރު އޮޕަރޭޝަނަށް 46 އަހަރު ވެގެން ދިޔައިރު، އޭރު މަސްވެރިކަން ފެށި ގޮތާއި މިހާރު އޮތް ގޮތާ ދެމެދު މާބޮޑު ތަފާތެއް ނެތެވެ. އަދި މިފްކޯ އުފެދިގެން 28 އަހަރުވީއިރުވެސް މަސްވެރި ސިނާއަތަށް މާބޮޑު ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނައީ އިންތިޚާބުގެ ތެރޭގައި އެއްވެސް ކަހަލަ ދިރާސާއެއް ކުރުމެއް ނެތި ކަމަށެވެ.



