ދައުލަތުގެ އިދާރާތަކުގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސްގެ އިރުޝާދުގެ ދަށުން މި އިސްލާހުތައް މިފެށޭ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި އިސްލާހުތަކަކީ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ހަރުދަނާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި މިއީ ދައުލަތުގެ ހުރިހާ ފެންވަރެއްގައި ހިނގާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މި އިސްލާހުތަކުގެ ތެރޭގައި ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ ބަދަލުތައް ހިމެނެއެވެ. މި ބަދަލުތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ، ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ފަނޑިޔާރުން ހިމެނޭގޮތަށް، ދައުލަތުގެ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސް ވިދާޅުވިގޮތުގައި މި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ އެންމެ މަތީ ފަންތީގައި ތިބޭ ބޭފުޅުންނާ ހަމައަށް ވެސް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިއީ އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ އިދާރާތަކުގައި އޮތް ކޮރަޕްޝަން ނައްތާލުމާއި، ދައުލަތުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން ނުހައްގު ގޮތުގައި މުއްސަނދިވުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ ހާމަކަން ބޮޑު، ކޮރަޕްޝަނުން އެއްކިބާވެފައިވާ ސަރުކާރެއް ގާއިމުކުރުން. މި އިސްލާހުތަކަކީ އެ މަގުގައި އެޅޭ މުހިންމު ފިޔަވަޅެއް.” ރައީސް ނިންމާލަމުން ވިދާޅުވިއެވެ.




ކަރުދާހުގައި ލިޔެވިފައި އޮންނާނީ… އެއްކަމެއް ނުކުރެވޭނެ… ޙައްލަކީ ޢުމަރު.