“ހަނުހުރުމުގެ އަޚުލާޤު” މި މައުޟޫޢުގައި ވަނީ މިއަދު ދިން ހުކުރު ޚުޠުބާގައި ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއްކަމަށް ބުނެފައެވެ.
ޚުޠުބާގައި ބުނި ގޮތުގައި ބާޠިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ މީހަކު ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށެވެ. ނަމަވެސް ބާޠިލު ވާހަކަ ދައްކަން ފަށައިފިނަމަ ޝައިޠާނާ އެމީހަކު އަތްއަތަށް ދަމަން ފަށައިފާނެ ކަމަށާއި، އެކަލޭގެ އެދޭގޮތަށް އެދޭ ކޮންމެ ވަގުތަކު އެމީހަކު އަނބުރައިލައިފާނެ ކަމަށް ބުންޏެވެ.
އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އެ މީހަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެކަމަށާއި، އަދި ކަމަކާ މެދު އިންސާނާ ވިސްނައި، އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް، އޭނާގެ ކަންތައްތަކަށާއި ޙާލަތްތަކަށް ބަލައި ވަޒަންކުރާ އިރު، އޭނާ ހަނުހުރުމުގެ އަތަށް ލެނބޭކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ.
ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ހިމެނޭ، ބުއްދިވެރީންނާއި ވިސްނުންތެރީންގެ ސިފައެއްކަން ފާހަގަކޮށް، ޙުތުބާގައި ވަނީ ﷲ ތަޢާލާއާއި އެކަލާނގެ ރަސޫލާ ﷺ މީސްތަކުންނަށް ގޮވައިލައްވަނީ ހަނު ހުރުމަށާއި އަނގަގަދަ ނުކުރުމަށް ކަމަށާއި، މަޞްލަޙަތެއް ނެތް ނަމަ، ބުއްދިވެރި ގޮތަކީ ހަނުހުރުމާއި ބޭކާރު ވާހަކަތައް ނުދެއްކުން ކަމުގައިވެސް ބުނެފައެވެ.
ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އާދަމުގެދަރިޔާ ހެނދުނު ހޭލާ އިރަށް އޭނާގެ ގުނަވަންތައް އާދޭހާއެކު ބުނާނެތެވެ. އަހަރެމެންގެ ޙައްޤުގައި، ތިބާ މާތް ﷲއަށް ބިރުވެތިވާށެވެ! ފަހެ އަހަރެމެންނަކީ ތިބާގެ ސަބަބުން ޖަޒާ ލިބޭނެ ބައެކެވެ. ތިބާ ސީދާވެގެންފި ނަމަ އަހަރެމެންނަށް ސީދާކަން ލިބޭނެތެވެ. ތިބާ ކަސިޔާރުވެއްޖެ ނަމަ، އަހަރެމެން ވެސް ކަސިޔާރުވެދާނެތެވެ.”[1]
ޙުތުބާގައި ވަނީ އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުން ކަމަށާއި، ހަނުހުރެއްޖެ ނަމަ އޭނާއާ މެދު ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ވާހަކަދައްކައިފިނަމަ، އެމީހެއްގެ ޝަޚްޞިއްޔަތު ފާޅުވެ، ހަރުދަނާކަމާއި ދޯހަޅިކަން ފެނިދާނެ ކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ.



