ހާއްސަ ގާނޫނެއް ހަދައި، 16 އަހަރުން މަތީގެ ކުދިންނަށް މިލިޓަރީ ތަމްރީނުދޭން ޕްރޮގްރާމެއް ފެށުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމްއެންޑީއެފްއަށް މީހުން ރެކްރޫޓްކުރުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ.
އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް އެތަކެއް ދަރިވަރުންނެއް ކިޔަވާ ނިމޭ ކަމަށާއި އަދި އޯލެވެލް ނިންމައި އެކަށީގެންވާ ވަރަށް ފާސްނުވެ އޭ ލެވެލްއާ ހަމައަށް ނުދެވޭ 3000އެއްހާ ދަރިވަރުން އުޅޭ ކަމަށެވެ. އަދި އޭގެން ގިނަ ކުދިންނަށް ވަޒީފާ ވެސް ނުލިބޭ ކަމަށެވެ.
ރައީސް ވަނީ ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު، ނެޝަނަލް ސާވިސްގެ ގޮތުގައި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕްރޮގްރާމެއް ފެށިގެންދާނެ ކަމަށާއި އެ ޕްރޮގްރާމަކީ އޯ ލެވެލް ނިންމުމަށްފަހު، އިތުރަށް ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ނުލިބޭ ކުދިންނަށް ހާއްސަ ޕްރޮގްރާމެއް ކަމަށް ވިދާޅުވެފައެވެ.
“މި ޕްރޮގްރާމު ވެގެންދާނީ މި ނެޝަނަލް ސާވިސްއަކީ ގާނޫނެއް ހެދިގެން، އެ ގާނޫނުން ބާރު ލިބިގެން، އުމުރުން 16 އަހަރުވުމަށްފަހު އެ 16 އަހަރުވެގެން އޯ ލެވެލް ނިންމާފައި، ނޫނީ ތައުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނާއި އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖަކު ވެއްޖެއްޔާ މި ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭނެ. ބައިވެރިވެގެން މިލިޓަރީ ތަމްރީނު ހޯދަންޖެހޭނެ. ހޯދައިގެން ރެކްރޫޓްމަންޓް ޕްރޮގްރާމު ނިންމައި، ފުލް އޮފިސަރަކަށް ސިފައިންގެ މީހަކަށް ބަދަލުވާނެ. އަދި ފުލުހުންގެ ހިދުމަތަށް ދާ ކަމަށްވަންޏާ، ފުލުހުންގެ މީހަކަށް ބަދަލުވާނެ،” އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނެޝަނަލް ސާވިސްގެ ގޮތުގައި މިއަންނަ އަހަރުން ފެށިގެން މި ޕްރޮގްރާމް ފެށޭނެ ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ މަގުމަތީގައި ބާކީވެ ތިބުމުގެ ބަދަލުގައި ގައުމަށް ފައިދާހުރި ދަރީންތަކެއް ތަރުބިއްޔަތުވެގެން ދިޔުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



