ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ ޢަލީ ޖަލީލަށް އަރުވައިފި އެވެ.
މި ޢިއްޒަތް، މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މި ޢިއްޒަތް ދެއްވުމަށް ރައީސް ކަނޑައެޅުއްވީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
މޫސާ ޢަލީ ޖަލީލު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 1980 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. އެމަނިކުފާނު ދިވެހި ޢަސްކަރިއްޔާގައި އިޚްލާސްތެރިކަމާ އެކުގައި އަދާކުރެއްވި ޤައުމީ ޚިދުމަތާއި، ދެއްކެވި މަތިވެރި އަޚްލާޤުގެ ސަބަބުން، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 9 ކުލައާއި، 11 މެޑެލް ލިބިވަޑައިގެންފައިވެއެވެ.
އެގޮތުން ލިބިވަޑައިގެންފައިވާ ބައެއް ކުލަތަކުގެ ތެރޭގައި އިޚްލާސްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚްލާޤީ ކުލަ ހިމެނެއެވެ. މީގެއިތުރުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބައެއް މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ޖިހާދުގެ ރަތް މެޑެލް، ހުރަވީ ރަން މެޑެލް، ނަމޫނާ ޢަސްކަރީ އިސް ޚިދުމަތްތެރިންގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް އަދި ރައިސުލްޖުމްހޫރިއްޔާގެ މެޑެލް ހިމެނެއެވެ.



