ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހަޅައިފި އެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވީ ބިިލުގެ މަގްސަދަކީ ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމާއި، ހަމަހަމަކަން ޤާއިމުކުރުން ކަމަށެވެ.
ޢަބްދުއްލަޠީފް އިތުރަށް ވިދާޅުވި ގޮތުގައި މާޒީގައި ސިޔާސީ ޕާޓީތައް ހިންގާފައިވަނީ އެ ޕާޓީއެއްގެ އެންމެ އިސް ފަރާތްތަކުގެ އެދުމުގެ މަތިން ނަމަވެސް، މި ބިލުގެ ސަބަބުން ޕާޓީތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނެ ކަމަށާއި، ޖޫރިމަނާތަކެއްވެސް ކަނޑައެޅިގެންދާނެ ކަމަށެވެ.
2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ސިޔާސީ ޕާޓީތަކުގެ ހިންގުމަށް އެކަށީގެންވާ ބަދަލެވާ ބަދަލެއް އައިސްފައި ނުވާކަން ފާހަގަކުރައްވަމުން، މި ބިލުގެ ސަބަބުން ރަށްރަށުގައި ޕާޓީތަކުގެ ޖަގަހަތައް ޤާއިމުކުރެވި، ކޮމިޓީތަކުން ގެންނަން ބޭނުންވާ ބަދަލުތައް ގެނެވިގެންދާނެ ކަމަށް ވެސް މެންބަރު ޢަބްދުއްލަޠީފް ވިދާޅުވިއެވެ.
” މި ބިލުގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތައް ގެނެސްދޭނެ، މި ބިލިގެ ސަބަބުން ލިބޭ ފައިސާ، ޕާޓީތަަކަށް ލިބޭ އާމްދަނީ އިތުރުވެ އެ ބާތްވާތްތައް ހަމަޖެހިގެން ހަމައެއްގެ މަތިން ހަމަ ޖެހިގެންދާނެ. ހަމަ މި ބިލުގެ ސަބަބުން ޖޫރިމަނާ ތަކާއި އަދި ޕާޓީތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް ޕާޓީން އުފުލަން ޖެހޭނެ” ޢަބްދުއްލަޠީފް ވިދާޅުވިއެވެ.



