ނުހައްގުން މުއްސަނދިކަން ހޯދާ ލިބިގަތުމުގެ ކުށް ކަނޑައެޅުމުގައި ގާނޫނު މާނަކުރާގޮތް އޮޅުންއަރާތީ، އިސްލާހުކުރުމަށް ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމެވެ.
މި އިސްލާހު ގެންނަނީ ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށެވެ. މި އިސްލާހުގެ ދަށުން، ދައުލަތުގެ މުވައްޒަފެއްގެ ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށް ހިފަހައްޓާފައިވަނީ ގާނޫނީގޮތުން ހުއްދަކޮށްފައިވާ ގޮތުގެމަތިން ކަމުގައިވާނަމަ، އަދި އެ މުވައްޒަފަށް ނުވަތަ އޭނާގެ އާއިލާއަށް ނުވަތަ ގުޅުންހުރި ފަރާތްތަކަށް މުދާ ނުވަތަ ފައިސާ ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ކަމުގައިވާނަމަ، އެއީ ކުށެއް ނޫންކަމަށް ކަނޑައަޅައިފައިވެއެވެ.
މީގެ އިތުރުން، ދަޢުވާ ލިބޭ މީހަކާ ގުޅުންހުރި ފަރާތެއްގެ ނަމުގައި ހުރި މުދާ ނުވަތަ ފައިސާ އަކީ ދަޢުވާ ލިބޭ ފަރާތުގެ ބޭނުމަށް ނުވަތަ ބާރުގެ ދަށުގައި ހުރި އެއްޗެއްކަން ކޯޓަށް ސާބިތުވެއްޖެނަމަ، އެއީ ދަޢުވާ ލިބޭ ފަރާތުގެ މުދާ ނުވަތަ ފައިސާގެ ގޮތުގައި ބެލެވޭނެކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާހު ފާސްވެއްޖެނަމަ، ނުހައްގު މުއްސަނދިކަމުގެ ކުށް މާނަކުރުމުގައި ދިމާވާ އޮޅުންތައް ފިލައި، ގާނޫނު ތަންފީޒުކުރުމަށް ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ.



