މާލޭގައި ހުންނަ ސެންޓަރ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިމާރާތް، ރަސްމީކޮށް އަލުން ހުޅުވައިފިއެވެ.
ސީއެޗްއެސްއީގައި ރޭ ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އެ ސްކޫލް އަލުން ހުޅުވާދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި އެސްކޫލްގެ ދަރިވަރުންގެ ފަރާތުން ވަނީ ސްކޫލުގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ވެސް ރައީސަށް އަރުވާފައެވެ.
މާލޭގައި ހިންގަމުން ދިޔަ ސީއެޗްސީގެ ސްކޫލް ބަންދުކޮށް، ހުޅުމާލޭގައި ހުރި އިމާރާތުގައި ކިޔަވާދޭން ފެށީ މީގެ އަހަރެއްްހާ ދުވަސް ކުރިންނެވެ. އެސްކޫލް ހުޅުމާލެއަށް ބަދަލު ކުރުމާއި ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.
އަދި މާލޭގައި ސަރުކާރުގެ އޭލެވެލް ސުކޫލެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ދަރިވަރުންނާއި ބެލެނިވެރިން ފާޅުކުރާ ކަމަށް ބުނެ އެޑިއުކޭޝަނުން އަނެއްކާވެސް ނިންމީ ކުރީގެ އިމާރާތުގައި އޭލެވެލް ކިޔަވާދޭން ފެށުމަށެވެ.
އެއާއެކު މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްކޫލްގައި ކިޔަވާދޭން ފެށި ނަމަވެސް ރަސްމީކޮށް ސްކޫލް ހުޅުވާފައި މި ވަނީ މިރޭގެ ރަސްމިއްޔާތާއެކު އެވެ.
މާލޭގައި ޒަމާންވަންދެން އޭލެވެލް ކިޔަވަމުން ދިޔަ ސްކޫލް މިރޭ ރަސްމީކޮށް ހުޅުވިގެން ދިއުމަކީ އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ރޭގެ ރަސްމިއްޔާތުގައި ދަރިވަރުން ވަނީ ބުނެފައެވެ.
ސީއެޗްއެސްއީ އެންމެ ފުރަތަމަ ހުޅުވާފައި ވަނީ 3 ޖުލައި 1979 ވަނަ އަހަރުއެވެ. ސައިންސް އެޑިއުކޭޝަން ސެންޓަރުގެ ނަމުގައި ހުޅުވި އެ ސްކޫޅްގެ ނަން 2000 ވަނަ އަހަރު ވަނީ ސީއެޗްއެސްއީއަށް ބަދަލުކޮށްފައެވެ.
ސްކޫލް އޭރު ހުޅުއްވައިދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމެވެ.



