ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ، އިންތިޚާބީ ވަޢުދެއް ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުން، މިއަދު “ހިޔާވަހި ފައިނޭންސް ސްކީމް” ރަސްމީކޮށް ތަޢާރަފުކޮށްދެއްވައިފިއެވެ.
ހިޔާވެހި ފައިނޭންސް ސްކީމް” ތައާރަފްކޮށްފައި ވަނީ އިސްލާމީ މަރުކަޒުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، ރާއްޖޭގައި ބޯހިޔާވަހިކަމެއް ލިބިފައި ނުވާ އެންމެނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް ކަމަށެވެ. މި ސްކީމަކީ އެ ވަޢުދު ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސްކީމަކީ ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރު ނޭޅި ހުރި ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށް 5 ޕަސެންޓްގެ ސަރވިސް ޗާޖެއްގައި ފައިސާ ދޫކުރުމަށް އެކުލަވާލެވިފައިވާ ސްކީމެކެވެ. މިނިސްޓަރު ޙައިދަރު ވިދާޅުވީ މި ސްކީމްގެ ސަބަބުން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ގިނަ ޢާއިލާތަކަކަށް ގެދޮރުގެ ތަނަވަސްކަން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި ސްކީމަށް ކުރިމަތިލެވޭނީ އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށެވެ. ޝަރީޢާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައި “ނޮމިނަލް ކޮންޓްރިބިއުޝަން” އެއް ދައްކަން ޖެހޭނެ ނަމަވެސް، އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ.
މިނިސްޓަރު ޙައިދަރު އިތުރަށް ވިދާޅުވީ، މި ސްކީމްގައި ހިމެނޭ ވަސީލަތްތަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށެވެ.



