20 އަހަރުގެ ޤައުމީ ތަރައްގީގެ ޕްލޭން ނިމޭއިރު ޖީލެއްގެ ތަސައްވަރު އެނގިގެންދާނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ ރާއްޖޭގެ ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ މި ޕްލޭން އެކުލަވާލާ އިރު، ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އެއަށް ބަސް ބުނުން މުހިއްމު ކަމަށެވެ. އަދި މިއީ ގާނޫނީ ބާރުވެރިކަން ވެސް ލިބޭނެ ޕްލޭނަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ މި ޕްލޭންގެ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނަން. ކޮންމެ ރަށެއްގެ ރައްޔިތުން ވެސް މި ޕްލޭނަށް އެއްޗެކޭ ވިދާޅުވާން ޖެހޭ. ކޮންމެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންތައް މީގައި ރެޕްރެޒެންޓްވާން ޖެހޭ،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ އޮއިވަރެއްގައި ގައުމުގެ ތަރައްގީގެ ކަންކަމަށް އަބަދު ބަދަލު އަންނަ ނަމަ އޭގެ ފައިދާ ރައްޔިތުންނަށް ނުލިބޭނެ ކަމަށެވެ. އެހެންކަމުން، މި ޕްލޭނަކީ ގާނޫނީ ބާރުވެރިކަން ލިބިގެން ކުރެވޭ މަސައްކަތަކަށް ހަދައި، ގާނޫނޫއަސާސީގެ ތެރެއިން ވެސް ބަލައިގަންނަ މަސައްކަތަކަށް އެކަން ބަދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޕްލޭން އެކުލަވާލާއިރު ދުނިޔެއަށް އަންނަ ބަދަލުތައް ވެސް ބަލަންޖެހޭ ކަމަށާއި ގައުމީ ތަރައްޤީގެ ޕްލޭނަކީ އޭއައި ވެސް ބޭނުންކުރެވިގެން އެކުލެވޭ ޕްލޭނަކަށް ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ރައީސް ވަނީ 20 އަހަރަކީ ޖީލެއް ކަމަށާއި، މި ޕްލޭނަކީ ޖީލެއް ބިނާކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން ވަނީ ޤައުމީ ތަރައްގީގެ މާސްޓަރ ޕްލޭން އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައެވެ.




ދެން އަންނަ ބަޔަކު ތި ބަދަލު ކުރާނެ.