ކުރީގެ މާލޭ ޖަލު ހުރި ބިމުގައި އަޅަން ނިންމާފައިވާ ދަރުމަވަންތަ ސްކޫލްގެ ހޯލުގެ މަސައްކަތް 2025 ވަނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްގެ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރު އައިއިރު ހޯލުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި މި އަހަރުގެ ބަޖެޓުގައިވެސް އެ މަސައްކަތަށް ފައިސާ ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް، ދަރުމަވަންތަ ސްކޫލަށް ހޯލެއް ބޭނުންވާތީ، ކުރީގެ ޖަލު ހުރި ސަރަހައްދު ހުސްކުރުމަކީ އޮޕްޝަނެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ދަރުމަވަންތަ ސްކޫލަށް މާލެއިން ލިބިފައިވާ ބިމަކީ ވަރަށް ބޮޑު ބިމެކެވެ. އަދި އެ ބިން ރަނގަޅަށް ޕްލޭންކުރެވިފައިވާނަމަ، ހޯލަކާއި، ކުޅޭ ބިމަކާއި، 40 ކްލާސްރޫމުގެ އިމާރާތެއް އެޅުމަށް ފުދޭނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 2023 ވަނަ އަހަރުގެ އޭޕްރީލް އަދި ނޮވެމްބަރު މަހު ހޯމް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، ޖަލު ހުސްކުރުމުގެ މައްސަލަ ދިމާވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ޖަވާބު ދީފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި މިހާރު ޖަލު ހުސްކުރެވި، މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



