ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަސާސީ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ފިއުލް ސްޓޯރޭޖްތައް ޤާއިމުކުރުމުގެ މަޝްރޫޢު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ. މި މަޝްރޫޢު ފެށިގެން ދިޔައީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ ދަށުން، 19 ރަށެއްގައި ތެޔޮ ރައްކާކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެސްޓީއޯއިން ވަނީ އަމާޒު ހިފާފައެވެ. މީގެ އިތުރުން، ފެލިވަރު އަދި ކޫއްޑޫގައިވެސް ޒަމާނީ ފެންވަރުގެ ތެޔޮ ރައްކާކުރާ ތަންތަން ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ސަބަބުން މަސްވެރިންނާއި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއަރަމުންދާ މިންވަރަށް ބަލައި، އިތުރު ރަށްރަށުގައިވެސް މި އިންތިޒާމުތައް ޤާއިމުކުރެވިގެންދާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެފައިވެއެވެ.